އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު މިއަދަށް ހަމަވިއިރު 700 ވުރެ ގިނަ ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ، އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތހާބުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު މިއަދު މެންދުރު ފަހު 3:00 އަށް ހަމަވިއިރު 779 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެޑްރެސް ބަދަލުވެފައިވެގެންނާއި ރަށްވެހިކަން ބަދަލުވުމުގެ އިތުރަށް ނިޔާވެފައިވާތީ، ރަޖިސްޓަރީން ނަން އުނިކުރުމަށް އެދި ހުށަހެޅި ޝަކުވާތަކެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބެއެވެ.

އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.