މި އަހަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ގާއިމު ކުރުމާއި، 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
އަދި އިސްލާމް ދީނުގައި އެންމެ މަތިވެރިވެގެންވާ ބިނާތަކަކީ މާތްﷲގެ ގެކޮޅުތައް ކަމުގައި ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއީ އިސްލާމީ ހަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް ކަމަށެވެ.
”އަޅުގަނޑު ދެކޭގޮތުގައި، މި ޒީނަތްތެރިކަން، މި ސައްތައިންސައްތަ އިސްލާމީ ރާއްޖެއިން، ވަރަށް ފުރިހަމައަށް ފެންނަން ވާނެ.“ ރައީސް ވިދާޅުވިއެވެ.
އިތުރު 10 ރަށެއްގައި އިސްލާމީ ސެންޓަރު ގާއިމު ކުރާއިރު، އޭގެ ތެރެއިން 3 މަޝްރޫއުއެއްގެ އެއްބަސްވުމުގައި، މިދިޔަ ޖެނުއަރީ މަހުގައި ސޮއި ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި އަހަރު އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވައިފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގައި، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، ތިން ޤުރުއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު، ޖުމްލަ 90 މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށް ގެންދެވުނުކަމަށެވެ.
”މީގެ ތެރެއިން، ހއ.ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މަސައްކަތް ނިންމައި، އަދި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން، އިތުރު 8 މިސްކިތެއް އިރާދަކުރެއްވިއްޔާ، ހުޅުވާނަން.“ ރައީސް ވިދާޅުވިއެވެ.
މިސްކިތްތައް އެޅުމުގެ އިތުރުން، އެތަންތަން މަރާމާތު ކުރުމަށް ވެސް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައިވާ މިސްކިތްތައް މަރާމާތު ކުރުމަށް ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން 19.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
އަދި މި އަހަރު މިސްކިތްތަކުގެ މަރާމާތަށް 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާނެ ކަމަށް ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

