ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން، ދެ ޑްރެޖަރާއެކު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މަޝްރޫއުގެ މަސައްކަތް ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވައިފައެވެ.

ދެ ޑްރެޖަރާއެކު ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވި ވެގެންދާނެ ކަމަށް ބެލެވޭ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:

  • 1،250 އަކަފޫޓުގެ 2،603 ގޯތި
  • 1،650 އަކަފޫޓުގެ 1،214 ގޯތި
  • 2،050 އަކަފޫޓުގެ 254 ގޯތި
  • 2،450 އަކަފޫޓުގެ އެއް ގޯތި
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން

މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން މިދިޔަ މަހުގެެ 30 ވަނަ ދުވަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

ހުޅުމާލެ ފޭސް ތިނަކާއި ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އެމްއޭސީއެލް އާއި ހަވާލުކުރީ އެ މަސައްކަތް ކުރަން ކުރިން ހަދާފައިވާ އެއްބަސްވުންތައް އުވާލުމާށްފަހުއެވެ.

 

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެކު ކުރިން ހަދާފައިވާ އެއްބަސްވުންތައް އުވާލީ އޭގެ ސަބަބުން އެ ކުންފުންޏަށް އެކި ސަރަހައްދުތަކުން ދިގު މުއްދަތަށް ބިން ދޭން މަޖުބޫރުވާތީ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވިއެވެ.