މީގެ ކުރިން ސަރުކާރުން ޑަބްލިއުޑީސީތަކަށް އެއްވެސް ވަރަކަށް އަހަމިއްޔަތުކަމެއް ދީފައިނުވާކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްގެ މާފަންނުގެ ކެމްޕެއިން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އެއް އެ ގާނޫނު އައިއްސުރެ މާލޭގައިވެސް އޮންނަ ކަމަށާއި، ތިންދައުރެއްގެ މަތިން (ޑަބްލިއުޑީސީ) އަންހެން އިންތިހާބު ވެގެން އަންނަ އިރު ގިނަ ރައްޔިތުންނަށް އެ ކޮމިޓީ އެއް އޮންނަ ކަމެއްވެސް ނޭނގޭ ކަމާށެވެ. މީގެ ކުރިން ސަރުކާރުން ޑަބްލިއުޑީސީތަކަށް އެއްވެސް ވަރަކަށް އަހަމިއްޔަތުކަމެއް ދީފައިނުވާކަމަށްވެސް ރިފާއު ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު، ޑަބްލިއުޑީސީއަކީ ވަރަށް މުހިންމު ބައެއްކަން ގަބޫލުކުރައްވައިގެން އެ ގާނޫނަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، ޑަބްލިއުޑީސީގެ ރައީސަށް އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށްވެސް ވޯޓު ލެވޭގޮތަށް ވެސް ހަދާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑަބްލިއުޑީސީއަކީ ނިދާފަ އޮތް ބައެއްގެ ބަދަލުގައި، އަންހެނުންގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް މިއަދު ރައީސް ބޭނުންފުޅުވާކަމަށް ރިފާއު ވިދާޅުވިއެވެ.
އެގޮތުން ޕީއެންސީގެ ފަރާތުން އެކޮމިޓީގެ ރައީސަކަށް ވާދަކުރައްވާފައިވާ ކެންޑިޑޭޓަކީ ހުރިހާ ގޮތަކުންވެސް އެކަމަށް ކުޅަދާނަ ކަނބަލެއް ކަމަށް ރިފާއު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދުން އެކަނިވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް އޮތް ތާއީދު ފެނިގެން ހިނގައްޖެކަމަށާއި، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކޮށްދެއްވާ ހިދުމަތުގެ ހަދިޔާއެއްގެ ގޮތުގައި މި ކެންޑިޑޭޓުން ހޮވާފަ ހަވާލު ކުރައްވާނެކަމަށެވެ.
ރިފާއު ވިދާޅުވީ މިހާރުވެސް އެތައް ގޮނޑިއެއް ރައީސްއަށް ވޯޓާއި ނުލައި ލިބިގެން ގޮސްފި ކަމަށާއި، އެހެން ޕާޓީތަކާއި ޕީއެންސީ ތަފާތުވަނީ އެހެންވެ ކަމަށެވެ.
އަދި ޕީޖީ ލީޑަރު ފަލާހު ކުރިއަށް އިންތިޚާބުގެ ކެމްޕެއިން އާއި ހަވާލު ހިސާބުން ވަރަށް އޮމާންކަމާއެކު ފުރިހަމަޔަށް ކެމްޕެއިން ކުރިއަށްދާ ކަމަށެވެ. ރިފާއުވަނީ ހުރިހާ ބޭފުޅުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓްލުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

