މާލެ ސިޓީ ކައުންސިލުން ރާވާފައިވާ ގޮތަށް މަޝްރޫއުތައް ހިންގުމަށް ސަރުކާރުން އެއްބާރުލުން ދޭނަމަ، މާލޭގެ ރައްޔިތުން އެދޭ ގިނަ ކަންކަން ހައްލު ވެގެންދާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުން ކަމަށް އެމްޑީޕީން ދައުވާ ކުރާއިރު، އެޕާޓީގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލު ވަނީ ސަފުން ބާކީ ކޮށްފައި ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިހެން ވިދާޅުވީ ދިވެހި ޗެނަލްގް ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައެވެ.

މާލެ ސިޓީ ކައުންސިލުގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށް ދީފައި ނުވުމަކީ ކައުންސިލުގެ މަސަައްކަތްތަކަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސްކަން ފާހަގަކުރައްވައި، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރަން ރާވާފައިވާ ކަންކަމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ގެދޮރުގެ މައްސަލައާއި މަގުތަކުގެ މައްސަލައާއި އާމްދަނީ ހޯދޭނެ ގޮތްތައް ހޯދުމާ ގުޅިފައިވާ ކަމުގައެވެ.

މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި، މާލޭގެ ބިން ބޭނުން ކުރާނެ ގޮތުގެ ”ލޭންޑް ޔޫސް ޕްލޭން“ އެކުލަވާލައި، ސަރުކާރަށް ކައުންސިލުން ފޮނުވާފައިވާތާ އަހަރެއްވާން ކައިރިވެފައިވާކަންވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. ލޭންޑް ޔޫސް ޕްލޭން ނިންމައި، ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

މުއިއްޒު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފޮނުވާތާ ތިންމަސް ދުވަހުގެ ތެރޭގައި، އެ ޕްލޭން އޮޓޮމެޓިކުން ފާސްވާނެކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ފާހަގަކުރެއްވިއިރު، ކޮންމެ ފަަހަރަކުވެސް ތިންމަސް ވާން ކައިރިވުމުން، އެ ޕްލޭންގެ ކޮންމެވެސް ތަންކޮޅެއް ރަނގަޅުކޮށްލަން މިނިސްޓްރީން އަންގަމުންދާ ކަމަށެވެ.

”އެހެންވީމަ، އަޅުގަނޑުމެންނަށް ލޭންޑް ޔޫސް ޕްލޭން ފާހެއް ނުކޮށްދޭ، މަޝްރޫއުތަކަށް ހުރަސް އަޅަނީ، އަޅުގަނޑުމެންގެ ބައިވެރިވުން އެއްވެސް ވަރަކަށް ކަންކަމުގަ ނުހޯދާ. މިސާލަކަށް ގެދޮރުގެ މައްސަލައިގައިވެސް، އަަޅުގަނޑުމެންގެ ބައިވެރިވުން ނުހޯއްދަވާ. އަޅުގަނޑުމެން ސަފުން ބާކީ ކޮށްލާފައި މި ތިބީ. އެކަމަކު ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުން ކަމަށް ދައުވާ މި ކުރަނީ.“ މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް އެކި ކަންކަމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަން މޭޔަރު މީގެ ކުރިންވެސް، އެކި ފަހަރު މަތިން ފާހަގަކުރައްވާފައިވެއެވެ.