އައްޑޫ ސިޓީގައި މިހާރު އޮތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ އޮތް ކައުންސިލެއް ކަމަށާއި، މޭޔަރުވެސް ނިސްބަތްވެވަޑައިގަންނަވާ އެ މެޖޯރިޓީން އައްޑޫގެ ރައްޔިތުންނަށްޓަކައި އެއްވެސް ކަމެއް ނުކޮށްދޭކަން ރައްޔިތުން ހެކިވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލްތަތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މޭޔަރާއި އެކީގައި އައްޑޫ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު، އެމްޑީޕީގެ މެޖޯރިޓިން އައްޑޫއަށް އެއްވެސް ކަމެއް ނުކޮށްދޭކަން އައްޑޫގެ ރައްޔިތުންގެ އިތުރުން އެންމެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ވެސް ހެކިވާނެ ކަމަށެވެ.
”އައްޑޫ ސިޓީގައި މިހާ ދުވަސް ވަންދެން، ހަމައެކަނި މިހާރު ހިނގާ ދައުރެއް ނޫން، މިހާ ދުވަސް ވަންދެން އެމްޑީޕީގެ މި ރޫލް ކުރަމުން މިދާ ކައުންސިލްގެ މި މެޖޯރިޓީ އިނގޭތޯ، މި މެޖޯރިޓީން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަކިން ހާއްސަކޮށް މި ދައުރުގައި ވެސް އެއްވެސް ކަމެއް ނުކޮށްދޭކަން އައްޑޫ ސިޓީގެ ރައްޔިތުން ހެކިވާނެ. ދެން ކޮން ކަމެއް ރަނގަޅުކުރާ ވާހަކަތޯ މި ދައްކަނީ؟“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރާއި މެޖޯރިޓީ އެމްޑީޕީގެ ސަރުކާރުގައި ވެސް އޮތް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް އިރުވެސް އެ ބޭފުޅުން ހަމަ ރައްޔިތުން ތަމްސީލުކުރެއްވި ކަމަށާއި، ނަމަވެސް ރައްޔިތުންގެ ހައްގުގައި އެއްވެސް މަސައްކަތެއް ކޮށްދެއްވާފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެބޭފުޅުން މަގާމުތަކުގައި ’ރަސްކަމެއް‘ ހާ ދުވަހު ތިއްބަވާއިރުވެސް އައްޑޫ ސިޓީގައި ހައްލުނުވެ ހުރި މައްސަލަތަކުގެ ވާހަކަވެސް ދައްކަވަނީ ހަމަ އެބޭފުޅުން ކަމަށެވެ.
”ރަސްކަމެއް ނިމޭ އިރުގައި، އެބޭފުޅުން އެ ދައްކަވަނީ ފެނާއި ނަރުދަމާގެ، އެބޭފުޅުން އެ ދައްކަވަނީ ކަރަންޓު ކެނޑޭ ވާހަކަ، އެބޭފުޅުން އެ ދައްކަވަނީ މަގުތަކުގެ ވާހަކަ.. އަޖައިބެއް ނޫންތޯ މިއީ..“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީގެ ކައުންސިލް ޕީއެންސީއަށް ދެއްވުމަށް، އައްޑޫ ދެކެ ވަރަށް ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް އެބަ އޮންނެވި ކަމަށާއި، ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުވުމާއެކު ރައްޔިތުންނަށް ތަފާތު ފެނިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ނިންމާލި އިރުގައި ދިޔައީ ވަތްގަނޑު ހުސްކޮށްލާފައި ކަމަށާއި، ޖެހިގެން އުޅޭ އުނދަގުލަކީ މިއީ ކަމަށެވެ. އެގޮތުން އެމްޑީޕީން ވެރިކަން ކުރީ މާލިއްޔާއިން ބޮޑެތި ހޭދަތައް ކޮށްގެން ހިންގަން ހުރި މަޝްރޫއުތަކަށް އަންނާނެހާ ގޮންޖެހުމެއް އަންނާނެ ގޮތަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް އަށް ޖެހިވަޑައިގެންނެވީ އެ ވަތްގަނޑަށް ފައިސާ އިތުރުކުރައްވައި ގައުމު އޮތް އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރައްވަން ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްގީގެ މަޝްރޫއުތަކުގައި ގަދައަށް ކުލަ ޖެހިގެންދާނެ އަހަރުކަން ކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ އެ މަސައްކަތްތައް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި، އައްޑޫ ސިޓީއަށް ވެވަޑައިގެންފައިވާ ވައުދުތައް ވެސް ”ރަނުން ރަނަށް“ އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ.

