ޓެންޒޭނިއާގެ ލޭކް ވިކްޓޯރިއާގައި އާދީއްތަ ދުވަހު ހިނގި މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކާސިމް މަޖާލިވާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ވިޔަފާރީގެ ވެރިރަށް ދާރުއްސަލާމްއިން ފުރައިގެން ދަތުރުކުރި މަތިންދާބޯޓު ވެއްޓުނީ މޫސުން ގޯސްވުމުން، އިމަޖެންސީކޮށް ޖައްސަން އުޅެނިކޮށެވެ.

ޓެންޒޭނިއާގެ ހުރިހާ ރައްޔިތުން ވެސް ތިޔަބޭފުޅުންނާ ގުޅެނީ މި 19 މީހުން ބީވުމުގެ ހިތާމައިގައި… އެމީހުންގެ ފުރާނަ ވަނީ ގެއްލިފައި،“ ބުކޯބާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޖާލިވާ ވިދާޅުވިއެވެ.

ރީޖަނަލް ކޮމިޝަނަރު އަލްބާޓް ޗަލަމީލާ ވިދާޅުވީ ވެއްޓުނު ބޯޓުގައި 39 ފަސިންޖަރުންނާއި ދެ ޕައިލެޓުންނާއި ދެ ކެބިން ކްރޫން ހިމެނޭ ގޮތަށް 43 މީހުން ތިބި ކަމަށެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި އެ އެއާލައިނުން މީގެ ކުރިން ބުނެފައި ވަނީ ފްލައިޓް ޕީޑަބްލިއު 494 ގައި ތިބި 43 މީހުންގެ ތެރެއިން ސަލާމަތްވި 26 މީހުން ކަގެރާ ސަރަހައްދުގެ ލޭކްސައިޑް ސިޓީއެއް ކަމަށްވާ ބުކޯބާގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސަރަޙައްދީ އޮފިޝަލަކު ވިދާޅުވީ މަރުވި 19 މީހުންގެ ތެރޭގައި ގެނބިގެން މަރުވި މީހުން ސަލާމަތްކުރާ މީހުން ހިމެނުނު ކަމެއް ނުވަތަ 48 މީހުންގެ ޖާގައިގެ މަތިންދާބޯޓުގައި ކުރިން ހާމަކުރި ވަރަށްވުރެ ގިނަ މީހުން ތިބިކަން އަދި ކަށަވަރު ނުވާ ކަމުގައެވެ.