އެމްޑީޕީގެ ދެ ރައީސުން ވެސް ދެ އިންތިހާބު އެއްދުވަހައެއްގައި ބޭއްވުމަށް ތާއީދުކުރައްވާފައިވާ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު އެކަމާނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ  އެމްޑީޕީގެ ފަރާތުން ވެރިކަން ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން  ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ތާއީދުކޮށް ދައްކާފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓް ހިއްސާކުރައްވާފައެވެ.

މި ޕޯސްޓާއެކު ދިޔާނާ ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން މި ގައުމުގައި ވެރިކަން ކުރެއްވި ދެ ބޭފުޅުންވެސް އޮތީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ތާއީދު ކުރައްވާފައި ކަމަށެވެ.

އެގޮތުން ދިޔާނާ ވަނީ ނަޝީދު މި އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ  ޕޯސްޓް ޝެއާކޮށްފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން، ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ. ނޮޅިވަރަމްގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން  ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވިކަން ހާމަކޮށް ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓް ވެސް ދިޔާނާ ވަނީ ހިއްސާކުރައްވާފައެވެ.

ދިޔާނީ ވަނީ މީގެ ކުރިން ވެސް ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ މުހިންމު ކަން ހާމަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން އޭނާ ވިދާޅުވެފައިވަނީ މިހާރު އަމަލުކުރަމުންދާ ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ މެދުގައި ހަ މަސްދުވަހުގެ ވަގުތެއް ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް މަޖިލިސް އިންތިހާބަކުން ސަރުކާރު ޖަވާބުދާރީ ކުރެވިފައި ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަދި ފާއިތުވި 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު ވަކި ދެ ތާރީހެއްގައި ދެ އިންތިހާބު ބޭއްވުމުގެ ނިޒާމް ނުވަތަ ސްޓެގާޑް އިލްކްޝަންގެ ނިޒާމަކީ ރާއްޖޭގެ ސިޔާގުގައި ފެއިލްވެފައިވާ ނިޒާމެއް ކަމުގައި ބަލަންޖެހޭ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

އަދި އެ ނަތީޖާތަކަށް ބަލާއިރު އެކަންކަން އިސްލާހުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ލާޒިމް ކަމެއް ކަމަށާއި، އެހެންކަމުން އެއް ތާރީހެއްގައި އިންތިހާބުތައް ބޭއްވުމަކީ ތަޖުރިބާ ކުރަންޖެހިފައިވާ ކަމެއް ކަމަށް ދިޔާނާ ވަނީ ފާހަގަކުރައްވާފައެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ އިންތިހާބު ބޭއްވުމަށް ކުރާ ހަރަދުކުޑަވެ އަދި އިންތިހާބު ތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި  ބޭނުންކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމެއް ކަމަށް ދިޔާނާވަނީ ފާހަގަކުރައްވާފައެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެކުއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ: ”ރިޔާސީ އިންތިހ-ބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ”ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“