ބަންގްލަދޭޝްގެ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ތާރިގު ރަހްމާނަށާ، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ މި އަހަރަކީ، ބަންގްލަދޭޝްއާއި ދިވެހިރާއްޖެޔާ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނުތާ 48 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަ ކުރައްވާފައެވެ.
އަދި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މި ގާތްގުޅުން ބިނާވެގެންވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާ، އިހުތިރާމުގެ މައްޗަށް ކަމަށާ، އަދި މިގުޅުން ދުވަހެއް ދުވަހަކަށް ހަރުދަނާވެ، ފުޅާވެގެން ދިޔުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިޔަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސްގެ ސިޓީފުޅުގައި، ދިވެހިރާއްޖެޔާ، ބަންގްލަދޭޝްއާ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ، އަދި މިސަރަޙައްދުގެ ސުލްޙަ މަސަލަސްކަމާ އަމާންކަމުގެމައްޗަށް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ދެ ގައުމުގެ އެއްގޮތް ސަގާފަތާ އަދި ފަރުދުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުން، މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާ ކަމުގައިވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަރައްގީއަށްޓަކައި ވިޔަފާރިއާ، ސިއްހަތާއި މީހުން ބިނާކުރުމާ، ތައުލީމާ، އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝްއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ ތަރައްގީއާއި ކުރިއެރުން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސް ސިޓީފުޅު ނިންމަވާލައްވަމުން، ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކާއި އުފާވެރިކަމަށާ، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

