އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިންތިހާބަށް ވޯޓުލާން އަންނަ ކޮންމެ މީހަކަށް އެއްވެސް ސުވާލެއް ކުރުމެއް ނެތި ތިން ވޯޓު ކަރުދާސް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން މަޝްވަރާކުރަމުންދާ ކަމަށާއި، އީސީން ހަމަޖައްސަން ގަސްތުކުރަނީ ވޯޓުލާން އަންނަ މީހާ ގާތު އޭނާ ވޯޓުލާން ގަސްދުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު ތިން އިންތިހާބުގެ ތިން ވޯޓު ކަރުދާހުގެ ތެރެއިން އެމީހަކު ވޯޓުލާން ބޭނުން ކަމަށް އެމީހުން ގާތު ބުނާ ކަރުދާސްކޮޅު ދިނުމަށް ކަމަށެވެ. އަދި އެއް ފަހަރާ ވޯޓު ނެގޭ ކަމުގެ ތިން ކަރުދާސްކޮޅު އެމީހާ އަތަށް ދޭން އީސީން ބޭނުން ނުވާކަމަށް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.
ނަމަވެސް އެ ޕޯސްޓު އަމިއްލައަށް ރީޓުވީޓް ކުރައްވާ އަލުން ކުރެއްވި ޕޯސްޓެއްގައި ހުސްނުއް ސުއޫދު ވިދާޅުވީ ކުރިން ކުރެއްވި ޕޯސްޓުގައި ވާ މައުލޫމާތު ސައްހަ ނޫން ކަމަށާއި، ވޯޓުލާން އަންނަ ކޮންމެ މީހަކަށް އެއްވެސް ސުވާލެއް ކުރުމެއް ނެތި ތިން ވޯޓު ކަރުދާސް ދޭނެ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވާ ކަމަށެވެ.
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ވެސް ހުސްނުއް ސުއޫދު އަންނަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން ޖަވާބުދާރީވާނެ ފުރުސަތުތައް ރައްޔިތުންނަށް ގެއްލެމުންދާނެ ކަމަށާއި ސަރުކާރުގައި ތިބޭ ބޭފުޅުންގެ މުއްސަނދިކަން އިތުރުވަމުންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

