މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާގުޅޭ ގޮތުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވޯޓު ލައްވައިފިއެވެ.

ނައިބު ރައީސް ވޯޓު ލައްވާފައިވަނީ ހެންވެއިރު ސްޑޭޓިއަމްގައި ހުރި ފަރެސްމާތޮޑާ ދާއިރާގެ ވޯޓު ފޮށްޓަށެވެ.

މި އިންތިހާބުތަކުގައި ނައިބު ރައީސްގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ ވޯޓު ލައްވާފައެވެ.

 

 

މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓުލުމުގެ ހައްގު އަދާކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މިއަދު ވޯޓުލުމަށް ކަނޑައަޅާފައިވާ ޖުމްލަ 588 ވޯޓު ފޮށީގެ ތެރެއިން ގަޑިއަށް ވޯޓުލުން ފެށުނީ 585 ވޯޓު ފޮށްޓެއްގެ ކަމަށެވެ. އަދި މިހާރު ހުރިހާ ވޯޓު ފޮށްޓެއްގައިވެސް ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށް އީސީން ބުނެފައިވެއެވެ.

މި އިންތިހާބުގައި ޖުމްލަ 2961 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ 1593 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރައްވާ 1368 ކެންޑިޑޭޓުންނެވެ.

އީސީން ބުނެފައިވަނީ މިއަދު ހަވީރު 4:00 ގައި ވޯޓުލާ ކިޔުތައް ބަންދުވާނެ ކަމަށެވެ.