ޑެންގީ ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށެވެ.
އެއީ ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުން އައުމުން އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުން އަންނައިރު، މިދިޔަ މަހު އެކަނި ވެސް މި ބަލީގެ 535 ކޭސް ރިޕޯޓު ކުރިއެވެ.