ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ދިވެހި ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

އެމަނިކުފާނު ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެއެވެ.