އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި އިނާޒު މުހައްމަދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އާ ގުޅިއްޖެެއެވެ.

އިނާޒު ޕީޕީއެމާ ގުޅުނު ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންއެވެ. އިނާޒަކީ މަޝްހޫރު ވިޔަފާރިވެރިޔާ ފަޒާ މުހައްމަދު އިބްރާހީމް ދީދީގެ ދަރިކަލުންނެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމަށް ސޮއިވެސް ކުރިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ.

ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ، އެ ސިޓީއަށް ކުރައްވާ ގޮތަށް ހަމަޖެއްސި ދަތުރުފުޅާއެކު ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް، އައްޑޫން ކީ އެންމެ ފުރިހަމަ މަރުހަބާ ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އައްޑޫ ސިޓީން އަބަދު ވެސް އެމަނިކުފާނަށް ވަރުގަދަ މަރުހަބާއެއް ކިޔައެވެ. ނަމަވެސް މިފަހަރު މަރުހަބާ އެމަނިކުފާނު ސިފަ ކުރެއްވީ އާދަޔާ ހިލާފު މަރުހަބާއެއްގެ ގޮތުގައެވެ.

”ތިޔަ ބޭފުޅުން ތިޔަ ވިދާޅުވި މަރުހަބާއަށް ފަށްފަށުން ޝުކުރު ދަންނަވަން.“ ފޭދޫ ޖަލްސާގައި އެމަނިކުފާނު ވިދާޅުވިއެވެ.