ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓް ”ލިއޯ ސަކްސަސް“ ބަންޑުން ޖަހާލައި ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިއްޔެ އިރުއޮއްސުމާ ހަމައަށް 900 ސްކޮޔާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަން އިން މިއަދު ކުރި މަސައްކަތުން ގެއްލުނު މީހާ ފެނިފައި ނުވާތީ މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް ޑޯނިއާ ފްލައިޓް ބޭނުންކޮށްގެން ވައިގެ މަގުން މަސައްކަތް ފެށީ އިއްޔެއެވެ.

”ލިއޯ ސަކްސަސް“ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދިޔަވެގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ލޭންޑިން ކްރާފްޓް ދިޔަވާން ފެށީ ގދ. ފަރެސް މާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.

އެވަގުތު ލޭންޑިން ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ”ސީވީޑް“ ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތަކުން އެމީހާ ފެނޭތޯ މަސައްކަތް ކޮށްދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.