ކޫރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 640.50 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ ތަކެތި އަތުލައިގަތީ ކޫރިއަ މެދުވެރިކޮށް ބަހްރެއިނުން ރާއްޖެ ގެނެސްފައިވާ ޕާރްސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި ވައިގެ މަގުން ޕާރުސަލް ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. ޕާރުސަލްގައި ހުރި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އަށް އެ ތަކެތި ޕޮޒިޓިވް ވެފައިވެއެވެ.

މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނެ ފުރަތަމަ ފަހަރެވެ.

ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.