ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަކުރުމަށް ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރެވޭކަމަށާ، މައުލޫމާތު ހާމަކުރުމުގައި ހުރިހާ ވުޒާރާއަކުންވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 ޕަސެންޓް ހާސިލުކުރާނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި) އާ ގުޅިގެން ދޭންޖެހޭ ޖަވާބުތައް ހަލާސްކުރެވެމުންދާ ކަމަށެވެ.

މުހުލަތު ހަމަވެފައިވާ މައްސަލަތަކަށްވެސް 15 ވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދާރީވެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަމާޒަކީ، އިސްވެ މައުލޫމާތު ހިއްސާކުރުމަކީ އާންމުކޮށް އެކަން ބައްޓަންވެފައި އޮންނަންޖެހޭ ގޮތްކަމުގައި ހެއްދެވުން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކުރިމަތިވި ދަތިތައް ހައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާއިރު، މަޑުޖެހުނުތަން ފޫބެދިގެންދާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިގޮތުން މާލޭ ސަރަޙައްދާއި އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތަފްސީލުތައް ރައީސް ވަނީ ހާމަކުރައްވާފައެވެ. އަދި މަޝްރޫއުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.