އާންމު ސިއްހަތާއި ރައްކާތެރިކަމުގެ ހިދުމަތްތައްދޭ ދަމަނަވެށި މަރާމާތައް ބަންދުކޮށް އެތަނުންދޭ ހިދުމަތްތައް ވަގުތީ ގޮތުން މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރަށް ބަދަލުކޮށްފިއެވެ.
ދަމަނަވެއްޓަކީ ކުދިންގެ ބަރުދަން ބެލުމާއި ވެކްސިން ޖެހުން ފަދަ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދާ ތަނެކެވެ.
ހެލްތު މިނިސްޓްރީއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ވަނީ ދަމަނަވެށި ބަންދުކުރަނީ ކުރީގެ ތެލެސީމިއާ ސެންޓަރާއި ދަމަނަވެށި ހިންގާ އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައި ވާތީ ކަމަށެވެ. އަދި ދަމަނަވެށިން ދޭ ޚިދުމަތްތައް ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭރު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗްއިން މިއަދު ނެރުނު އިއުލާނުގައި ވަނީ ދަމަނަވެށީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ދާތީ އެ މަރުކަޒުން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން މާފަންނުގައި ހުންނަ އާބަން ޕްރައިމެރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު ޔޫޕީއެޗްސީ އަކީ ޖެނެރަލް ޕްރެކްޓިސް ކްލިނިކްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ޗައިލްޑް ހެލްތު ކްލިނިކްގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ކުދިން ހެދި ބޮޑުވަމުން އަންނަ ގޮތް ފަސޭހައިން މޮނިޓާކުރެވޭނެ ގޮތް ހަމަޖެހި ބެލެނިވެރިންނަށް ކައުންސިލިންގެ ހިދުމަތް ވެސް ފޯރުކޮށްދޭ ތަނެކެވެ.

