ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށްލި ސަބަބާ ގުޅޭގޮތުން މާގިނައިން ސުވާލު ނުކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ނަޝީދު އެކި ރަށްތަކަށް ދަތުރު ކުރައްވަމުންދާ މި ދަނޑިވަޅުގައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދާ އެއް ސުވާލުތަކެއް ތަކުރާރު ކުރަމުންދާނަމަ، ޕާޓީގެ އެހެން އިސް ބޭފުޅުންނަށްވެސް ޖަވާބުދާރީވާން މަޖުބޫރުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އިތުރު ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ޕާޓީ ދޫކޮށްލީ ކީއްވެތޯ ވަރަށް ގިނައިން ނަޝީދު ސާފު ކޮށްދެއްވައިފި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ޕާޓީ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ ކުރާ ސުވާލަށް މިހާރު އެތައް ފަހަރަކު ޖަވާބު ދެވިއްޖެ. މިވަގުތު އެންމެ މުހިންމީ ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދިޔުން.“ ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކޮށް، އައު ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އުފައްދަވައި، އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ފެއްޓެވީ،  އެމަނިކުފާނުގެ ކުރީގެ އެންމެ އަރިސް މިތުރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން، އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިގެން ދިޔުމުންނެވެ. ސޯލިހާއި ނަޝީދު ވެސް ބޭނުންފުޅުވެލެއްވީ ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.