ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުއައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުން ބުނީ އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި މި ބަދަލުތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު އިސްލާހުތަކެއް ކަމަށެވެ.
މި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ހާއްސަ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ.
މިގޮތުން އޮފީސް އޮފް ދަ ކޮމިޝަނަރ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ، ނޭޝަނަލް އިންޓެލިޖެންސް ސަރވިސް، އަދި ސަރަހައްދީ ފުލުހުންގެ އިދާރާތައް ހިމެނޭހެން 14 ދާއިރާއެއް ކޮމާންޑް ލެވެލްގައި ވަނީ ކަނޑައަޅާފައެވެ.
މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މި ބަދަލުގެ މައިގަނޑު އެއް މަގުސަދަކީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމެވެ.

މީގެ އިތުރުން، ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި އިސްލާހުގެ ބޭނުމެކެވެ.