ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓުތަކުގެ ނަރުދަމާގެ މަސައްކަތް ނިންމާލައިފިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެމްޓީސީސީ އިން ރޭ ބުނީ އެ ސެގްމެންޓު ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޕޭމަންޓު ހެދުމާއި، ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި ގުޅުންހުރި ހޮޅިއާއި ކޭބަލް ވަޅުލުމާއި މުވާސަލާތީ އެކި ހިދުމަތްތަކާ ގުޅުންހުރި ކޭބަލްތައް ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަދި ފެން ހިންދާ ނިޒާމާއި ގުޅުންހުރި މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

