ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އެންމެ ގިނަވެގެން އަހަރެއްގެ ތެރޭގައި، އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމެއްގެ ދަށުން ރާއްޖޭގައި ވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުން ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.

އަދި މިކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ސިވިލް ސޮސައިޓީތަކާއެކުވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި، ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބަލަނީ، އިސްލާމްދީނާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެކަންކަން ކުރުމަށް ކަމަށާއި، އެގޮތުން މިއަދާ ހަމައަށް އައިއިރު، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ރައްކާތެރިކަަމަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމަށް ފާޑުވިދާޅުވެ، ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މި ސަރުކާރުން އުޅެނީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭން ނޫން ކަމަށާއި، ސްމާޓްފޯނު ބޭނުން ކުރަން މަދު ކުރުމަށް ވެސް ސަރުކާރުން ވަކާލާތު ކުރަމުންދާ ކަމަށެވެ.

”ސިނގެރޭޓު ނުބޮވޭ ވަަރަށް އަގުބޮޑު ކުރައްވައިފި. ވޭޕް އަކީ ބްލެކްމާކެޓުގައި އެކަނި ލިބޭ އެއްޗަކަށް ހައްދަވައިފި. ޝީޝާ މަނާ ކުރަން މަޝްވަރާ ކުރައްވަނީ. ސްމާޓް ފޯން ބޭނުންކުރަން މަދު ކުރަން ވަކާލާތު ކުރައްވަނީ.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މި ސަރުކާރުން މީހުންގެ ޒާތީ ދިިރިއުޅުމަށް ވަންނަނީ ”ހުދޫދެއް ނެތް މިންވަަރަށް“ ކަމަށް ވެސް ވިދާޅުވެފައެވެ.

ކުޑަކުދިންނަށް ސޯޝަލްމީޑިއާ މަނާ ކުރަން ތައްޔާރުވަމުން ދިޔުމާއި، ވޭޕް މަނާ ކުރަން ނިންމި ނިންމުމަށް ނަޝީދު ފާޑުވިދާޅުވި ނަމަވެސް، މިއީ ބެލެނިވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބަލައިގަންނަ ނިންމުންތަކެއްކަން ފާހަގަކޮށްލެވެއެވެ. އުމުރުން ހަގު ކުދިންނަށް ސޯޝަލްމީޑިއާ މަނާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި، ރާއްޖޭގެ މަޝްހޫރު އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވަނީ ވިދާޅުވެފައެވެ.