ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.
ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުހައްމަދު ތާރިގު އަބްދުއްރައްޒާގުއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާޅޮހު ކައުންސިލު މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި މާޅޮހު ކައުންސިލުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ. މި ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއެވެ.
މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

