މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ދިރާސާކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޫއުގެ ތެރެއިން، މަސައްކަތާގުޅެ ސަރަހައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް 4 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

 

 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ ދަށުން,  ޑިޒައިނިން މަރުހަލާ ފެށުމާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައިވެއެވެ.

މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މަޝްރޫއުގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ، ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވަމުންދިޔަސް، ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިލާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.