އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްކަމުގެ މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހްމާން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަލީލުއް ރަހްމާންގެ ރިޔާސަތުގައި އދގެ އާންމު މަޖިލީހަކީ ހުރިހާ މެންބަރު ގައުމުތަކަށްވެސް މުހިންމު ނަތީޖާތަކެއް ނެރެދޭނެ މަންސައަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ދެކުނު އޭޝިއާގެ ބޭފުޅަކު މިފަދަ ޝަރަފުވެރި މަގާމަކަށް ހޮވިވަޑައިގަތުމަކީ ބަންގްލަދޭޝްގެ އިތުރުން މުޅި މި ސަރަހައްދަށްވެސް ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށް ރައީސް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްވެސް ވަނީ ހަލީލުއް ރަހްމާނަށް މަރުހަބާ ދަންނަވާފައެވެ.

އިރުތިޝާމް ވިދާޅުވީ، ހަލީލުއް ރަހްމާނަކީ ބައިނަލްއަގުވާމީ މައިދާނުގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި، އޭނާގެ ލީޑާޝިޕްގެ ދަށުން އދގެ މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.