ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެެސް ބޭއްވުން އަވަސްކޮށްފިއެވެ.

ކޮންގްރެސް ބާއްވާ ތާރީހު އަވަސްކުރީ ރޭގެ ބައްދަލުވުމަށް ޕީއެންސީގެ ރައީސް، ޑރ.މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމެއް ފާސްކޮށްގެންނެވެ. ނަމަވެސް ކޮންގްރެސް ބޭއްވުން އަވަސްކުރީ ކޮން ތާރީހަކަށް ކަމެއް އަދި ސާފެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރޭ އެ ޕާޓީގެ މެންބަރުންގެ މަޖިލީހެއް ބޭއްވި ކަމަށެވެ.

އޭނާ ވިދާޅުވީ، ރޭ ބޭއްވި މެންބަރުންގެ މަޖިލީހަށް ރައީސް ޑެ. މުހައްމަދު މުއިއްޒު ހުށައެޅުމެއް ހުށައެޅުއްވި ކަމަށެވެ. އަދި މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން އެ ހުށައެޅުން ފާސްވި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ހުށަހެޅުއްވީ ކޮން ހުށަހެޅުމެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

މީގެ ކުރިން ހަމަޖެހިފައި އޮތީ ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގައި ބޭއްވުމަށެވެ.