މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ގައުމަށްޓަކާ މިހާތަނަށް އެއްވެސް އުއްމީދީ މަސައްކަތެއް ކުރި ބައެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، މާލެ ސިޓީ ޒީނަތްތެރިކޮށް ބޭއްވުމަށް ހަދަންޖެހޭ ޕާކްތަކާ މައިޒާންތައް ހެދުމާއި، ބަސް ސްޓޭންޑްތައް ހެދުމާއި، އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ މާލެގެ ފެން ބޮޑުވުމުގެ ކަންކަން ހައްލު ކުރުމުގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލުގެ ނިމިދިޔަ ހަތަރު ވަނަ ދައުރުގައި ވާނީ ނިންމައިފައި ކަމަށެވެ.

”އަޅުގަނޑު ގަބޫލެއް ނުކުރަން ދެން އާ ކަމެއް ފަސް ވަނަ ދައުރުގައި ކުރަން އޮންނާނެ ކަމަކަށް. އަޅުގަނޑު ވަރަށް އެދެން އަޅުގަނޑުމެން ޕީއެންސީ ކައުންސިލުން ނިންމާފައި ހުރި މި ހުރިހާ ކަމެއް ފަސް ވަނަ ދައުރުގައި ކައުންސިލް އިން މެއިންޓެއިންކޮށް ބަލަހައްޓާނެ ކަމަށް.“ އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ހިނގަމުންދާ ކައުންސިލަށް އޮތީ މެއިންޓެނަންސްގެ މަސައްކަތް ކަމަށެވެ. އަދި އެމްޑީޕީން މިހާތަނަށް ގައުމަށް އުއްމީދީ އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.