ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ އާއި ”މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ“ (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުވާލައިފިއެވެ.
އީސީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ދެ ޕާޓީ އުވާލަން ނިންމީ، ސިޔާސީ ޕާޓީއެއްގެ ސައްހަކަން ދެމެހެއްޓުމަށް ގާނޫނީ ގޮތުން ލާޒިމުކުރާ 3,000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވިއިރުވެސް އެ އަދަދަށް މެމްބަރުން ހަމަވެފައި ނުވާތީ ކަމަށެވެ. އެ ނިންމުމާއެކު އެ ދެ ޕާޓީ މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ރަސްމީ ދަފުތަރުން އުނިކޮށްފައެވެ.
2023 ވަނަ އަހަރުގެ ޖުލައި 12 ގައި ދަ ޑިމޮކްރެޓްސް އުފެއްދީ އޭރުގެ އެމްޑީޕީގެ ތެރޭގައި އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކަށް ފަހު، ނަޝީދަށް ވަފާތެރި މެމްބަރުންނެވެ. ނަމަވެސް، ފަހަކަށް އައިސް ޑިމޮކްރެޓްސްގެ އިސް ގިނަ ބަޔަކު ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.

