ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
2024 ވަނަ އަހަރުގައި، ރާއްޖެ ’ސީސީސީ ޕްލަސް‘ ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ ’ސީސީ’އަށް ދަށްކޮށްފައެވެ. އަދި 2025ގައި ވެސް ’ސީސީ’ގައި ރޭޓިން ވަނީ ދަމަހައްޓައިފައެވެ.
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ދަމަހައްޓައިފައިވަނީ ގައުމުގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ބުނެއެވެ. ނަމަވެސް، މިހާރު ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާ ކަމަށް ފިޗުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ސުކޫކް ދައްކައި ހަލާސް ކޮށްފައިވާކަން އެ އިދާރާއިން ފާހަގަކުރިއެވެ.
މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރެވޭނެ ކަމަށް ފިޗުން ބުނެފައިވެއެވެ.
އަދި ބޭރުގެ ދަރަނި ކުޑަވެ، ބޭރުން އެހީ ލިބުމުން ފައިސާގެ ދަތިކަމަށް ލުއި ލިބި، ދަރަނީގެ ނުރައްކަލުން ސަލާމަތްވުމަށް ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

