ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން ސަލާމަތްކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ހަރުދަނާކަން ފިޗްގެ ނިންމުމުން ޔަގީންވެ ކަށަވަރުވާ ކަމަށް ޕީއެންސީން ބުނެފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި މިހެން ބުނީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅިގެންނެވެ.
އެ ބަޔާނުގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެންމެ އިސްކަންދެއްވައިގެން ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރައްވައި ރާއްޖެއާމެދު ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު އިއާދަކުރެއްވުމުގެ ގައުމީ މަސައްކަތްޕުޅު ކަމަށާއި ރައީސްގެ އިސްނެންގެވުމަށް ދިވެހި ސަރުކާރުން މި އަމާޒަށް ވާސިލުވުމަށް ގިނަގުނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން ބޭރުފައިސާއާ ބެހޭ ޤާނޫނެއް ވުޖޫދަށް ގެންނަވައި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ މާލީ ނިޒާމަށް މާރުކުރުން ލާޒިމުކުރައްވައި، އެ ފައިސާއިން ވަކި މިންވަރެއް ދައުލަތުގެ ބޭރުފައިސާގެ ރަސްމީ ރިޒާވްއަށް ވަންނާނެ ގޮތަށް އިންތިޒާމުކުރެއްވި ކަމަށް ބަޔާނުގައިވެއެވެ.
އަދި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އަލުން ބޭޭރުފައިސާ ޖަމާކުރަން ފެށި ކަމަށާއި ނަތީޖާއެއްގެ ގޮތުން އޭޕްރީލު މަހުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓު ދައްކަންޖެހުނުއިރު ރަސްމީ ރިޒާވްގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ރައްކާކުރެވިފައި ހުރިއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 320 މިލިއަން ޑޮލަރު ރައްކާކުރެވިފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން އިތުރު ދަރަންޏެއް ނުނަގައި ސުކޫކުގެ ފައިސާ އަދާކުރެވުނު ކަމަށާއި އަދި އިންޑިޔާގެ ރިޒާވް ބޭންކުން ނެގި ކަރަންސީ ސްވޮޕުގެ 400 މިލިއަން ޑޮލަރާއި 2019 ވަނަ އަހަރު އިންޑިޔާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން އޭޕްރީލު މަހުގައި ދައްކަންޖެހޭ 50 މިލިއަން ޑޮލަރުވެސް ދިވެހި ދައުލަތުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކައި ހަލާސްކުރެވުނު ކަމަށްވެސް ބުންޏެވެ.
”މިދެންނެވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ރާއްޖޭގެ ރޭޓީން ”ސީސީ“ އިން ”ސީސީސީ-“ އަށް މިއަދުވަނީ މަތިކޮށްފައެވެ. އެއް ދަރަޖައިގެ މި ކުރިއެރުމަކީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އިގުތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް ރާއްޖޭގެ މާލީ ހާލަތާއި، ސަރުކާރުގެ މާލީ އަދި އިގުތިސާދީ ސިޔާސަތުތަކާމެދު މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު އޮތްކަމަށް ދަލީލުކުރާ އަލިގަދަ ހެއްކެކެވެ،“ ޕީއެންސީގެ ބަޔާނުގައިވެއެވެ.

