ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު، ދިވެހިރާއްޖެ ނުރައްކާތެރި އަނދަވަޅަކުން ސަލާމަތްކޮށްދެއްވާފައިވާތީ، ކުރީގެ ތިން ރައީސުން އެމަނިކުފާނަށް ޝުކުރުއަދާކުރެއްވުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު މިފަދައިން ވިދާޅުވެފައިވާއިރު، ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް މިދިޔަ އޭޕްރީލް މަހު ދައްކައި ހަލާސް ކުރުމާ ގުޅިގެން، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ’ސީސީ‘ އިން ’ސީސީސީ-’ އަށް ވަނީ މަތިކޮށްފައެވެ.
ފަލާހުގެ ޕޯސްޓުގައި ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކުރެއްވުމަކީ ރައީސް މުއިއްޒު ގައުމަށްޓަކައި ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެކެވެ.
ކުރީގެ ތިން ރައީސުން ކަމުގައިވާ، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުން ފަލާހު ވަނީ، އެބޭފުޅުން ތިއްބެވީ އެ ބޭފުޅުންގެ ވެރިކަމުގައި އުފެއްދެވި ދަރަނިތައް މި ސަރުކާރަށް ނުދެއްކޭނެކަމަށް ހީކުރައްވައިގެން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ވެރިންގެ އިހުމާލުން ގައުމު ވެއްޓިފައިވާ ނާޒުކު ފަތްތަރުން އަރައިގަނެ، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖެ ސަލާމަތްކޮށްދެއްވީތީ މުޅި ރައްޔިތުން މިއަދު ސަރުކާރަށް ޝުކުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުން އުފާފާޅުކުރަމުންދާ މިފަދަ ވަގުތެއްގައި، ގައުމުގެ ކުރީގެ އެންމެ އިސްވެރިންގެ ކިބައިން ވެސް ތައުރީފުގެ ބަހެއް އިވިގެންދިއުމަކީ އޭނާ އުއްމީދުކުރައްވާ ކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ، ރައީސް މުއިއްޒަކީ ދިވެހި ގައުމު މިވަގުތު ބޭނުންވެފައިވާ ފަދަ ހަރުދަނާ، ވަރުގަދަ ލީޑަރެއްކަމަށް ވިދާޅުވެ، އެމަނިކުފާނަށް ތައުރީފުކުރައްވައިފައެވެ.

