ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ މާލީ އިސްލާހުތަކުގެ ހެޔޮ ނަތީޖާ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފިޗުން އިއްޔެ ވަނީ ރާއްޖޭގެ ރޭޓިން ’ސީސީ‘ އިން ’ސީސީސީ މައިނަސް‘ އަށް މަތިކޮށްފައެވެ

ސައީދު ވިދާޅުވި ގޮތުގައި، މިއީ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ލިބެމުންދާ ކުރިއެރުމެކެވެ.

އޭގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެންނަ ބަދަލުތަކާއި ބޭރު ފައިސާއާ ބެހޭ އާ ގާނޫނުގެ ސަބަބުން ދައުލަތަށް ޑޮލަރު ލިބޭ މިންވަރު އިތުރުވުން ހިމެނޭ ކަމަށް ފިޗުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުގެ ދަރަނީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ މާލީ ނިޒާމަށް ކުރިމަތިވި ހީނަރުކަމަކީ ފައިސާ ޗާޕުކުރުމާއި ދަރަނި އަދާކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް ނެތި ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ލޯނު ނެގުމުގެ ސަބަބުން ދިމާވި ކަމެއް ކަމަކެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އިގުތިސޯދީ ހަމަޖެހުން ގާއިމުކޮށް، ދަރަނި މެނޭޖުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.