ނިމުނު 2025 ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މެއި މަހުގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު މަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މާލެ ސަރަހައްދަށްވުރެ، އަތޮޅު ތެރެއިން ރޯގާ ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރު ކަމަށެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މާލެ ސަރަހައްދުން 69021 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓު ކުރިއިރު، އަތޮޅު ތެރެއިން ރިޕޯޓު ކުރި އަދަދަކީ 76133 އެވެ. އަދި ޖުމްލަ އަދަދަކީ 145154 ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އަރިދަފުސް ރޯގާ ޖެހިގެން 30160 މީހުން ރިޕޯޓު ކުރިއިރު، މި އަހަރުގެ ޖެނުއަރީ މަހުގައި އެ ބަލި ޖެހިގެން ރިޕޯޓު ކުރީ 35693 މީހުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި މި އަދަދު 33410 ގައި ހުރިއިރު، މި އަހަރުގެ ފެބްރުއަރީ މަހުގައި އަރިދަފުސްރޯގާ ޖެހުނު މީހުންގެ އަދަދަކީ 25010 އެވެ.

މިދިޔަ އަހަރުގެ މާޗު މަހު އަރިދަފުސް ރޯގާ ކޭހުގެ އަދަދު 28560ގައި ހުރިއިރު، މި އަހަރުގެ މާޗު މަހުގެ ކޭހުގެ އަދަދަކީ 20810އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އަދަދަކީ 26539 އެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލްގައި ރިޕޯޓު ކުރީ އަރިދަފުސް ރޯގާގެ 24221 ކޭހެވެ.

މިދިޔަ އަހަރުގެ މެއިމަހުގައި 39340 މީހުން ރޯގާ ޖެހިގެން ރިޕޯޓު ކުރިއިރު، މި އަހަރުގެ މެއި މަހު އެ ބަލި ޖެހިގެން 39420 މީހުން ރިޕޯޓު ކުރިއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ފާއިތުވި ދެ ހަފްތާގައި، އަރިދަފުސްރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކުރީ މާލެ ސަރަހައްދުންނެވެ. ދެން ހިމެނެނީ  ޏ، ޅ، ތ، ލ، ރ، ށ، ކ، މ އަދި ސ އަތޮޅެވެ.

ނިމުނު ދެ ހަފްތާގައި މާލެއިން އަރިދަފުސް ރޯގާގެ 3835 ކޭސް ފެނުނުއިރު، ހުޅުމާލެއިން 2616 ކޭސް ފެނިފައިވެއެވެ. ދެން އެންމެ ގިނައިން ރޯގާ ޖެހިގެން ރިޕޯޓު ކުރި ފުވައްމުލައް ސިޓީން ބަލީގެ 1043 ކޭސް ރިޕޯޓު ކުރިއިރު، ޅ.ނައިފަރުން 358 ކޭސް ރިޕޯޓު ކުރިއެވެ. ވިލިމާލެއިން 342 ކޭސް ރިޕޯޓު ކުރިއިރު، ތ.ވޭމަންޑޫ އިން 238 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.