ފުލުހުންގެ ދެ ރީޖަނެއްގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެ ދެ ސަރަހައްދަކީ ނޯތު ޕޮލިސް ރީޖަނާއި ނޯތު ސެންޓަރަލް ޕޮލިސް ރީޖަންއެވެ. ދެ ރީޖަންގައި ވަކިވަކިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދެވެ.
ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ބ. މާޅޮހުގައެވެ. ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު އޮތީ އއ. ފެރިދޫގައެވެ.
އެ ދެ ރަސްމިއްޔާތުގައި ނޯތު ޕޮލިސް ރީޖަންގެ 33 ފުލުހަކާއި، ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގެ 13 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ.
ޝަރަފުގެ ނިޝާން ލިބުނު ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނެއެވެ.

