އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމަށް، ކުރީގެ ރައީސް އިބްރާހީމް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ފަޒްނާ ރޮޒައިނާއަށް ބަހުގެ ހަމަލާއެއް ދެއްވާފައިވާއިރު، ރޮޒައިނާ މިވަގުތު ހުންނެވީ އެމްޑީޕީފެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގައެވެ. އަދި ފަޒްނާ ތާއީދު ކުރައްވަނީ އެ މަގާމަށް ވާދަ ކުރައްވާ މީކާއީލް އަހުމަދު ނަސީމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން މި އިންތިހާބުގައި ތާއީދު ކުރަނީ މީކާއީލަށެވެ.

ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތި ލެއްވި ދުވަހު އެ އިންތިހާބުގައި ނަޝީދަށް ވޯޓު ދޭނެ ކަމަށް ނަޝީދު އަރިހުގައި ދެންނެވި ކަމަށް ވިދާޅުވެފައެވެ.

ކުރިން ނަޝީދާ ދެކޮޅުވީ އެމްޑީޕީ ރޫޅައިލަން އުޅުމުން ކަމަށާއި، މިއަދު އެއްކުރައްވަން ނުކުންނެވީމަ އެއްކޮޅުވީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ހާލަތު ބަދަލުވީމަ ދައްކާ ވާހަކަ ބަދަލު ވާނެ ކަމަށާއި ވާހަކަ މީހުން ބިނާ ކުރަނީ އެއިރެއްގައި ހިންގާ ކަންކަމުގެ މަށްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ޕޯސްޓަށް ކޮމެންޓް ކުރައްވާ ފަޒްނާ ވިދާޅުވީ ހިޔާލަކީ ބަދަލުވާ އެއްޗެއް ކަމަށާއި، ސިޔާާސީ ބޭފުޅުން ސިޔާސީ ވިސްނުމުގައި އެކިއިރު ދައްކަވާފައި ހުންނަ ވާހަކަ ޝެއާކުރުމުން ވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދު ޗެއަޕާސަން ކަމަށް ނުކުމެ ވަޑައިގަތީ ”ބޮޑުބަދަލު“ ގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން އަދި ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދޭ ގޮތަށް ކަމުގައިވެސް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ މިހާ ހިސާބުންވެސް އެކުވެރި ކުރުމުގެ މަގަށް ހުރަސްއެޅިފައިވާ ކަމަށާއި ބަޔަކު އެކުވެރި ކުރުމަށް ބޭނުންވާ މައިގަނޑު އެއް އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުން ކަމަށެވެ.

އަދި ވަކި މީހަކު ގޮވައިގެން ނުކުމެ އިންސާފުވެރިކަމާއެކު ޗެއާޕާސަންކަން ކުރާނެ ގޮތެއް ނުވިސްނޭ ކަމަށާއި، ކޮންމެ ބޭފުޅަކު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ނަމަވެސް މައްސަލައެއް ނެތް ކަމަށް ފަޒްނާ ވިދާޅުވިއެވެ.