ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ތިމާވެށި ވެސް ހިމާޔަތްވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ޕަލްސް“ ގެ ނަމުގައި ސަރުކާރުން ފެށި ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމަކީ ތަރަައްގީގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި ނަމަވެސް ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ ކަމަށެވެ.

އެގޮތުން މިސާލަކަށް ރަސްމާލެ ހިއްކާއިރުގައި މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމުތަކާއި އަދި އެހެންތަނެއްގައި މުރަކަ އިންދުން ފަދަ ކަންކަން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށް ދާނީ ތަރައްގީ އާއި ތިމާވެށި ގުޅިލާމެހިގެންދާ ގޮތަށް ކަމަށާއި އެގޮތުން ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ގައުމުތަކުން އެކަމަކަށްޓަކާ ރާއްޖެ އިން މިސާލު ނަގަން ބޭނުންވާނެ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމަށް އެން ބޭނުންވާއިރު ތަަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރާ ކަމަށާއި އެހެންވެ އެންވެރިކަން ނުގެއްލޭނެ ގޮތަށް ސަރުކާރުން ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.