ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ ”ފަސް މިލިއަން ގަސް ޕްރަގްރާމް“ ގައި ޒުވާނުންނާއި ޖަމިއްޔާތަކުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ސިލްސިލާގެ ފުރަތަމަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތިމާވެށި ރައްކާތެރިކުރަން އަބަދުވެސް ރާއްޖެއިން އަޑުއުފުލާ ކަމަށެވެ.
ތިމާވެށީގެ ރޮނގުން ރާއްޖޭގައި ހިންގޭ އެންމެ ޚާއްސަ އެއް މަޝްރޫޢު އަކީ ގަސް އިންދުމުގެ މަޝްރޫޢު ކަމަށާއި، ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ ފަސްމިލިއަން ގަސް އިންދުމުގެ ޕްރަގްރާމް ރައީސް ފާހަގަ ކުރެއްވިއެވެ.
މިއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުން އެންމެ މުހިންމު ކަމަށް ވިދާޅުވެ، ރައީސް ވަނީ، މި ކަމުގައި ބައިވެރިވުމަށް ޒުވާނުންނަށް ހިތްވަރު ދެއްވައިފައެވެ.
މި ސަރުކާރުން ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގައި، ސަރުކާރުގެ ކުންފުނިތަކުން ބައިވެރިވެ، ގިނަ ގަސްތަކެއް އިންދައިފައިވެއެވެ.
ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް ”ކޮޕް28“ ގައެވެ.

