ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

މި މުނާސަބަތުގައި ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު އަރިސްކުރައްވައި، މިއަދަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓާމެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަޒުމު ވަރުގަދަ ކުރަންވީ ދުވަހެއްކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ހިތާބުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ގައުމުގެ ތަރައްޤީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުންކަން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެ މަސައްކަތަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

އަދި މިއީ ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރަށް ހަރަދުކުރާނެ ފައިސާ ކަމަށާއި މިކަމުގެ ސަބަބުން މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ އަދި މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި، މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި، މޮނިޓަރކުރުމުގެ މަސައްކަތްތަކަށާއި، ކޮންސަރވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށާއި، ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މައުލޫމާތު އާންމުކުރުމަށާއި، މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމުއިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕުރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދިޔުމާއެކު، އެންމެން ފަޚުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަޤުބަލަށް ލިބިގެންދިޔުމަށް އުއްމީދުކުރައްވާކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުއިއްޒުގެ ހިތާބުގައި ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ ”އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން“ އަކީ، ރާއްޖެފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިއާރެއްކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މިހާރު މަޖުބޫރުވެފައިވާކަމުގައި ވިދާޅުވިއެވެ.