އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އިބްރާހީމް ރަޝާދު އަވަހާރަވެއްޖެއެވެ.
ރަޝާދު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި، މއ.އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވި ޚަބަރު އެއްސެއްވީ ފުން ހިތާމައާއެކު ކަމަށެވެ.
ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”ހިކުމަތްތެރި ހިންގުންތެރި ޝަހުސިއްޔަތެއް. ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖުރިބާކާރެއް،“ ރައީސް ލިޔުއްވާފައިވެއެވެ.
ރައީސް ވިދާޅުވީ މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ހާއްސަކޮށް ފާހަގަކުރެވޭ ކަމަށެވެ.
އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ރަޝާދު ހޯއްދަވާފައިވާކަން ފާހަގަކުރެއްވިއެވެ.

