މި އަހަރު ހައްޖުގެ އަޅުކަން އަދާކުރި ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް، ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ފްލޫ ކްލިނިކްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ހުން އައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން އެހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ބަހައްޓާފައިވާ ސްކްރީން ޑެސްކަށް ވަޑައިގަތުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އަދި ކްލިނިކަށް އަންނައިރު، މާސްކު އެޅުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެން މޯލްޑިވިއަން އަދި ސައުދީ އެއާލައިނުގައެވެ. ރޭ ފުރަތަމަ ގްރޫޕް އައި އިރު، މާދަމާ، ހޯމަ އަދި އަންގާރަ ދުވަހު ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.