އިއްޔެ ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓު ފޮށިތަކުން ކުރި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެގެ ބައި-އިލެކްޝަން ޕީއެންސީ އަށް ކާމިޔާބު ނުކުރެވުނަސް، ލިބުނު ނަތީޖާއާއެކު ހިތްވަރު ލިބިގެން 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު އަމާޒު ހިފައިގެން ގަދަކޮށް ތިއްބެވި ކަމަށެވެ.
ލ.ފޮނަދޫ ދާއިރާގެ މެމްބަރު ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ވޯޓް ދިން އެންމެންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އަބްދުއްރަހަމަކީ ސޮޑާގެ ކެމްޕޭންގައި އެންމެ އިސްކޮށް ޕީއެންސީގެ ފަރާތުން އުޅުއްވި އެކެކެވެ.
”އަހުމަދު ސައީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެން. ކެމްޕެއިންޓީމުގެ މަސައްކަތަށް ތައުރީފު ހައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް.“ އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިއްޔެގެ ބައި-އިލެކްޝަންގެ ނަތީޖާ އިން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒަށް ކާމިޔާބުކޮށް ދިނުމަށް އެ މަނިކުފާނާ އެކު ގަދަކޮށް ތިއްބެވި ކަމަށެވެ.
އިއްޔެގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ، ހަނި ތަފާތަކުން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ)އެވެ.

