ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއް އޮންނަކަމަށާއި އެކަން ކަށަވަރުކުރުމަކީ އެންމެގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރާއިރު، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމަށާއި ދިރިއުޅުމަށް އުފުލޭ ބުރަ ކުޑަކުރުމުގައި ރައްކާތެރި ކާނާ މުހިންމު ދައުރެއް އަދާކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން ކުރަން ޖެހޭ ކަމެއްކަމަށާއި، އެގޮތުން ކާބޯތަކެތި އުފައްދާ، އޭގެ ވިޔަފާރިކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެތަކެތި ބޭނުންކުރާ މީހުންވެސް އެބޭނުންކުރާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިގޮތުގައި އުފައްދާ އަދި ތައްޔާރުކޮށް ރައްކާކުރެވިފައި ހުންނަ ބާވަތްތަކެއްކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.