ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ އާރިފް އައްޔަންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ހުދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް، މިއަދުން ފެށިގެން އައްޔަންކުރައްވާ ކަމަށެވެ.

އާރިފް އެ މަގާމަށް އައްޔަނު ކުރީ، މީގެ ކުރިން އެ މަގާމު ފުރުއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާނުގެ ވަކިކުރުމަށްފަހުއެވެ.

ނަމަވެސް ޝިފާން ވަކިކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެ މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ އާރިފު ކަމަށެވެ.