ކަނޑުތަކުގެ ރައްކާތެރި ކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން މިހާރަށް ވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގަައި އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަމުން އަންނަ އިރު ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާ ކަމަށެވެ.

އެގޮތުން ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށާއި، ކާބޯތަކެތީގެ ރައްކާތެރި ކަމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓަށް ކުރާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަންނަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި، ވަރުގަދަ ކަނޑުގެ ދިރާސާތަކާއި، ފަރުތަކުގެ ޙާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އަދި މުރަކަ އާލާކުރުމާއި، ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް ވެސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެ އިން އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމާއި، ރަށްގިރުމުގެ ޙާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ އިރު ބައިނަލްއަޤުވަމީ މުޖުތަމަޢުއިން މިހާރަށް ވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

އެހެންވެ މިފަދަ ދުވަހެއްގައި ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރުމަށް ވެސް ގޮވާލެއްވިއެވެ.