ފިލިޕީންސްގެ ދެކުނު ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް އައްސޭރިފަށުގެ މުހިއްމު ސިޓީއަކަށް ގެއްލުން ލިބިއްޖެއެވެ.

ބިން ހެލުމާ ގުޅިގެން އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނުއިރު، ސުނާމީގެ އިންޒާރު ވެސް ނެރުނެވެ. އަދި އެކި އިމާރާތްތައް ވެއްޓި، ހަތަރު މީހުން މަރުވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ސުނާމީގެ އިންޒާރާ އެކު ބުނީ ކަނޑުގެ ބިމު އަޑިން މި ބިންހެލުން އުފެދިފައިވަނީ ފިލިޕީންސްގެ މިންދަނާއޯ ރަށުގެ ބޭރުން 35 ކިލޯމީޓަރު (22 މޭލު) ފުނުން ކަމަށެވެ.

ބިންހެލުން އައީ ފިލިޕިންސް މިއަދު ގަޑިން ހެނދުނު 7:40 އެހާއިރުއެވެ. ރާއްޖެ ގަޑިން ނަމަ ފަތިހު 4:40އެވެ.

ދުނިޔޭގެ އެންމެ ކާރިސާތައް ކުރިމަތިވާ އެއް ގައުމު ކަމަށްވާ ފިލިޕީންސްއަށް ގިނަ ފަހަރަށް ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުން ފަދަ ހާދިސާތައް ކުރިމަތި ވަނީ ކަނޑުގެ ވަށައިގެންވާ ސެއިސްމިކް ފޯލްޓްތަކުގެ އާކެއް ކަމަށްވާ ޕެސިފިކް ”ރިންގް އޮފް ފަޔާ“ ގައި އޮންނާތީއެވެ.