މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު މަސް ގަންނަ އަގުތަކަށް ބަލާއިރު، އެ ކުންފުނީގެ ހުރިހާ ސެންޓަރަކުން ވެސް ކަޅުބިލަމަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.

މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ.

މިފްކޯއިން ކޮންމެ ދުވަހަކު އާންމުކުރާ އަގުތަކުގެ ލިސްޓުގައިވާ ގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފެލިވަރު، ކޫއްޑޫ، އައްޑޫ، ތިނަދޫ، ފަރެސްމާތޮޑާ، ދާންދޫ، އަދި ފުވައްމުލަކުގެ ފެކްޓްރީތަކާއި ސެންޓަރުތަކުން ވެސް މަސްވެރިންގެ އަތުން މަސް ގަންނަމުން އަންނަނީ 20 ރުފިޔާއަށެވެ.

ކަޅުބިލަމަހުގެ އިތުރުން، ބޮޑު ކަންނެލި ގަންނަ އަގުތަކަށް ވެސް މިއަދު ވަނީ ބަދަލުތަކެއް އައިސްފައެވެ.

އެގޮތުން ބޮޑު ކަންނެލި ކިލޯއެއް އާންމުކޮށް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުންނެވެ.