ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނިސްބަތް ކުރައްވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު ޝަމްއާން ވަހީދު މިއަދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

 

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބާއްވާ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަމުން ގެންދިޔަ ކޮރަޕްޝަންގެ ވާހަކަ ރައީސް މުއިއްޒަށް އެންގެވި ކަމަށާއި ނަމަވެސް ރައީސް މުއިއްޒުގެ ޖަވާބަކަށް ވީ އޭނާއަކީ ރައީސް އަށް ވަފާތެރި މީހެއް ނޫން ކަމަށެވެ.

މި ވާހަކައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުންދު ވަނީ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއަގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ކަނޑައަޅާފައެވެ.

 

އަދި އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.