ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަން ކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ރައީސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޒަރީރު ވަނީ މި ސަރުކާރުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވާފައެވެ.
ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާސް އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން ހަސަން ޒަރީރު ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި، އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލްކުރައްވާފައެވެ.
އެލްޖީއޭގެ ރައީސްގެ މަގާމުގައި އެންމެފަހުން ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މި މަހުގެ 8 ވަނަ ދުވަހު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

