ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.

7 ވަނަ ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އިން 12 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވެރިކަންކުރާ ކުންމިން ސިޓީގައެވެ.
މި ފޯރަމްގެ ތެރެއިން ސަރަޙައްދީ ތަރައްގީއާއި އިގްތިސާދީ އެއްބާރުލުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މިނިސްޓަރު އިރުތިޝާމް އާދަމްގެ މިދަތުރުފުޅުގައި ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ތަގުރީރެއްް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 10 ވަނަ ޗައިނާ – ސައުތު އޭޝިއާ އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.