ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އަށް މިދިޔަ މެއި މަހުގައި 2.05 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަދަދަކީ މެއި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3 ޕަސެންޓް އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.8 ޕަސެންޓް ދަށް އަދަދެކެވެ.

އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ ދަށްވި މައިގަނޑު އެއް ސަބަބެއް ކަމަށް މީރާ އިން ބުނީ ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ.

އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން 2025 ގެ މެއި މަހާ އަޅާބަލާ އިރު މި އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4 ޕަސެންޓް ދަށްވެ، ޓޫރިޒަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ ވެސް ދަށްވެފައިވެއެވެ.

އެހެންވެ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާމްދަނީ ދަށަށް ގޮސްފައިވެއެވެ.

މެއި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މެއި މަހު ލިބުނު ޖުމްލަ އާމްދަނީގެ 56.3 ޕަސެންޓެވެ.

މީރާއަށް މިދިޔަ މަހު އިންކަމް ޓެކްސްގެ ގޮތުގައި 234 މިލިއަން ރުފިޔާ ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ އަދި ޑިޗާޕާ ޓެކްސްގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ގްރީން ޓެކްހުގެ ގޮތުގައި 139 މިލިއަން ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89 މިލިއަން ޑޮލަރު ހިމެނެއެވެ.